ދިވެހީންގެ ތިންބައިކުޅައެއްބައި ބަނޑުހައިހޫނުކަމުގައި ތިއްބައި ރާއްޖެއަށް ތަރައްގީ ގެންނާން އުނދަގޫވާނެއެވެ. އިގްތިސާދީ ގޮތުން މި ހާލަތުގައި ގައުމެއް އޮންނައިރު، ލިބޭ މަދު ކުރިއެރުންތަކުގެ ފޮނިކަން ފޯރާނީ ވަރަށް މަދު ބަޔަކަށެވެ.
ހަގީގީ ތަރައްގީ އަށް ވާސިލުވާން ބޭނުންނަމަ، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ދައުލަތުން ވަކި އެހީތަކެއް ވެދޭން ޖެހެއެވެ. އެމްޑީޕީ ވެރިކަމަށް އަންނާނީ ޓެކްސް ނިޒާމުގެ ދަށުން ދައުލަތުގެ އާމްދަނީ ހަރުދަނާކުރެވި، މި އާމްދަނީގެ ސީދާ 25% ން ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށެވެ. ރާއްޖެއަކީ ފެތުރިފައިވާ ޖަޒީރާ ގައުމެއްކަން ދެނެތިބެ، ހުރިހާ ހިސާބަކަށްވެސް ތަފާތުކުރުމެއްނެތި އަހަމިއްޔަތުކަން ދެވި، އެއްބައިވަންތަ، ކުލުނުވެރި މުޖުތަމައުއެއް އުފެއްދުމުގައި ސަރުކާރު ހަރަކާތްތެރިވުމެވެ.
މިގޮތުން ވެވޭ އެހީތަކުން އެއްކޮޅަށް ބަރުވެފައިވާ އިގްތިސާދުގެ ތިލަފަތް އެއްވަރުކުރެވޭނެއެވެ. ވިޔަފާރިވެހި ގިނަ ބަޔަކަށް ފަހިވެގެންދާނެއެވެ. އޯގާތެރި ސަރުކާރެއްގެ އެންމެ އެދެވިގެންވާ ނަތީޖާއަކީ އޯގާތެރި، ތަރައްގީވާން ޖާގަ އޮތް މުޖުތަމައުއެއް އުފެދި، ފޯދޭން ފެށުމެވެ.
2013 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ދިވެހިރާއްޖެ. ފޯނު: 0044 334 (960)+